އިޒްރޭލުން ރޭގައި ލުބްނާންގެ ބެއިރޫތަށް ހުއްޓުމެއްނެތި ވައިގެ ހަމަލާތަކެއް ދީފިއެވެ.
ލުބްނާންގެ ސިއްހީ ވުޒާރާއިން ބުނީ މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަރުވެފައިވަނީ އެކަކު ކަމަށް ރިކޯޑު ކުރެވުނު ނަމަވެސް އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އެހެންކަމުން މި ހަމަލާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ބުންޏެވެ.
ލުބްނާންގެ ބެއިރޫތުގައި ހުންނަ އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓެއް ބުނީ، ގާތްގަނޑަކަށް 17 މިސޭލު އިޒްރޭލުން ބެއިރޫތުގެ ސަބަރބްއަކަށް ރޭގައި ފޮނުވި ކަމަށާއި ޭެގެ ތެރޭގައި މީހުން ދިރިއުޅޭ ހަ އިމާރާތަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އަދި މިހަމަލާތައް އިޒްރޭލުން ދިނީ ހަމަލާ ދިނުމުގެ ކުރިން އެއްވެސް އެންގުމެއް ނުވަތަ އިންޒާރަކާ ވެސް ނުލައި ކަމުގައި ވެސް ރިޕޯޓު ކޮށްފައިވެއެވެ.
ލުބްނާނަށް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ވަނީ ފަލަސްތީނުގެ ޣައްޒާ އަށް ވެސް އިތުރު ހަމަލާތަކެއް ދީފައެވެ.
އެގޮތުން ޣައްޒާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މެދުކެނޑިމެއް ނެތި އިޒްރޭލުން ޣައްޒާގެ އުތުރު އައްސެރިއާއި ޖަބާލިއާ އަވަށަށް ދެމުންގެންދާ ހަމަލާތަކަށް މިއަދަށް 20 ދުވަސް ވެފައިވާއިރު މިހާތަނަށް ޣައްޒާ އިން 770 އަށްވުރެ ގިނަ މީހުން މަރާލައި 1000 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައިވާ ކަމަށެވެ.


