ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ކަނބަލުންނަށް ޚާއްސަ ކޮށްގެން މުޅިން ހިލޭ ބައިވެރިވެވޭ އިލެކްޓްރިޝަން ކޯހެއް ފަށަން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ފަށާ ކޯހެއް ކަމުގައެވެ.

އެގޮތުން ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ގެ ނަމުގައި ކަރަންޓާއި ގުޅޭ އަސާސީ ކަންކަން މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
މި ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މަޢުލޫމާތު މި ކޯހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.



