ދިވެހިރާއްޖޭގެ ވީދެމުންދާ ޢިޖްތިމާއީ ފޭރާން ހެޔޮކޮށް ދިވެހިރާއްޖޭގެ މާލީހާލަތު ރަނގަޅުކޮށް ދިވެހީންނަށް ދިވެހީންގެރާއްޖެ އަނބުރާ ހޯއްދަވައިދެއްވުގެ ބުރަ އުނދަގޫ މަސައްކަތްޕުޅު ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޒަޢާމަތުގެ އެންމެފުރަތަމަ ދުވަހުވެސް ފައްޓަވާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް މުޢިއްޒުގެ މުސާރައިން 50 އިންސައްތަ އުނި ކުރައްވަން އެމަނިކުފާނު އިއްޔެ ނިންމެވި ނިންމެވުމާއި ރާއްޖޭގައި ވެޕް ކުރުމާއި ވިއްކުން މަނާ ކުރުމަށް އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް މިދިޔަ ހަފްތާގައި އެމަނިކުފާނު ނިންމެވި ނިންމެވުމަށް އަލިއަޅުވާލައްވަމުންނެވެ.
އެގޮތުން ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ދިވެހި މުޖުތަމަޢުތެރޭގައި މޫލާފައިހުރި ޖީލުތަކަށް ދެމިގެންދާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަންމިއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ހަޤީގަތެއް ކަމަށާއި އެހެންނަމަވެސް ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރައްވާނެ ވެރިން ކަމުގައެވެ.
”ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން މިއަދު މިފެންނަނީ ސިޔާސީ ވެރިންގެ ފަރާތްޕުޅުން އެއްގޮތަކަށްވެސް ނުފެންނަ ކަންކަމޭ ދެންނެވިޔަސް ކުށަކަށް ނުވާނެ. ނިންމަވަނީ ފަސޭހަފުޅު ނިންމެވުންތަކެއްނޫން. ސިޔާސީ ގޮތުން އެނިންމެވުންތައް މަޤުބޫލް ނިންމެވުންތަކެއްކަމަށް ޤަބޫލުކުރައްވާ އެއްވެސް ސިޔާސީ ބޭފުޅެއްވެސް ނެތް. ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެވެސް ނުރުހުންތެރިކަން އަމާޒުވާ ނިންމެވުންތަކެއް.“ މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް ރައީސް މުޢިއްޒު އެ ސާބިތު ކޮށްދެއްވަނީ މިއީ އެކަކު ދެމީހެއްގެ ޤައުމެއްނޫން ކަމަށާއި އެމަނިކުފާނު އެ ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަން ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި ރައީސް އެކުރައްވާ މަސައްކަތްޕުޅަކީ އަންނަންއޮތް ޖީލުތަކަށް މިޤައުމު ސަލާމަތްކޮށްދެއްވުމުގެ މުހިއްމު ބުރަ މަސައްކަތްޕުޅު ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.


