ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު ސިޔާސީ މުވައްޒަފުންނަށް ޚަރަދު ކުރާނީ މުޅި ދައުލަތުގެ ޚަރަދުގެ އެންމެ އިންސައްތައެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާދެއްވަމުން މަޖިލިސް ޖަލްސާގައި މިއަދު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިހުރި ގިނަ ރިފޯމްތައް ނުވަތަ އިސްލާހުތައް ތަންފީޒުކުރަން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފަށައިގެން ކުރަންޖެހުމުން އެ ކަންކަން ތަންފީޒުކުރަން ބަޖެޓުގައި ރާވާފައިވާ މިންވަރަށްވުރެ ލަސްވެފައިވާ ކަމަށާއި މި ރިފޯމްތަކުގެ ވާހަކައަކީ އަހަރުތަކެއް ވަންދެން ކުރީގެ ސަރުކާރުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަ ކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރައީސް މުޢިއްޒު އިއުލާންކުރެއްވިގޮތަށް ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި، ބައެއް މުއައްސަސާތަކުގެ ވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ދަށްކުރަން ނިންމަވާފައިވަނީވެސް ޚަރަދުތައް ކުޑަކުރުމަށް ކަމަށެވެ.
”ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ %4 އަށްވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ޚަރަދުގެ %1. މި ބަދަކު ގެނައީވެސް ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ، ކުޑަ ނަމަވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި،“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ، މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ 2 ބިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
މީގެއިތުރުން ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާވެ، ލެބޯޓްރީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި މެޝިނަރީއަށް ބޭނުންވާ ރިއޭޖެންޓްތަކުގެ އަގުބޮޑުވެފައިވާތީ މި ބައިގެ ޚަރަދު ހިނގާ މިންވަރު ވަނީ ބަޖެޓުކުރި މިންވަރަށްވުރެ އިތުރުވެފައިވާ މިނިސްޓަރު ޒަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރި ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ބަޖެޓުކޮށްފައިވަނީ 11.95 ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ މުސާރައާއި އިނާޔަތަށް އިތުރު 24.4 މިލިއަން ރުފިޔާ ހިމަނާފައެވެ. އެހެންވެ، މި އަހަރު މުސާރައާއި އިނާޔަތަށް ކުރާ ހޭދައިގެ ޖުމުލަ 11.98 ބިލިއަން ރުފިޔާއަށް އަރާނެއެވެ.




