ފުވައްމުލައް ސިޓީގެ އުމްރާނީ ތަރައްގީއާއި ގުޅުންހުރި އެކި މަސައްކަތްތައް ފަރުމާކޮށް އެއާއި ގުޅުންހުރި ކަންކަމުގައި ލަފާދިނުމުގެ އެއްބަސްވުމެއްގައި މިދިޔަ އާދީއްތަ ދުވަހު ޝެރެޓް ސްޓޫޑިއޯ އެކު ސޮއިކޮށްފައެވެ.
ފުުވައްމުލައް ސިޓީގެ ތަރައްގީގެ ގިނަ މަސައްކަތްތައް ހަލުވިކަމާއިއެކު ސިޓީ ކައުންސިލުން އެކި ފަރާތްތަކާއި ގުޅިގެން ކުރަމުންދާއިރު ތަރައްގީގެ މަސައްކަތްތަކަކީ ރޭވުންތެރިކަމާއިއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރު ކުރުމަކީ މުހިންމުކަމެއް ކަމުގައި ފުވައްމުލައް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެސިޓީގެ ތަރައްގީ ޕްލޭންގެ މައިގަނޑު ފަސް އަމާޒުގެ ތެރެއިން އެއް އަމާޒަކީ ”ޕްލޭންކުރެވިފައިވާ ދިރިއުޅެން ފަހި ސިޓީ“ އަކަށް ފުވައްމުލައް ހެދުންކަމަށް ވެސް ބުންޏެވެ.
އެގޮތުން ޝެރެޓް ސްޓޫޑިއޯ އާއެކު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން އަންނަނިވި ކަންތައް ކުރެވޭނެއެވެ.
•ބިނާވެށިޕްލޭން އެކުލަވާލުން
• ސިޓީ ސެންޓަރުގެ މާސްޓަރ ޕްލޭން ފަރުމާކުރުން
• ކިޅި ސަރަހައްދުގެ މާސްޓަރ ޕްލޭން ފަރުމާކުރުން
• ތޫނޑު ސަރަހައްދުގެ މާސްޓަރ ޕްލޭން ފަރުމާކުރުން
• ޕްލޭންކުރުމާއި ތަރައްގީ ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ފަރުމާކުރުން
• ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޤާއިމުކުރުން
ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީގެ ބިންތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެސިޓީއަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ހަރުދަނާ އުސޫލުތައް ގެންގުޅެވި، މަޝްރޫއުތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދެވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މިއެއްބަސްވުމުގެ މުއްދަތަކީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ މުއްދަތެކެވެ.




