”ހިޔާވަހި ފައިނެންސް ސްކީމް“ގެ ދަށުން ގެދޮރު އަޅަން ލުއިލޯނަށް އެދެމުގެ ފުރުޞަތު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެކަމަށް މިނިސްޓަރ އޮފް ހައުސިންގް ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
އެގޮތުން ހިޔާވަހި ފައިނެންސް ސްކީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އާއެކު އެމިނިސްޓްރީން ފަހުމްނާމާ އެއްގައި ަޮސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބީއެމްއެލްއާއެކީގައި ސޮއިކުރެވިގެން މިދިޔައީ ބޯހިޔާވަހިކަމަށް ދޫކުރެވޭ ލުއި ލޯނު ސްކީމްގެ މަސައްކަތުގައި ފަންޑު މެނޭޖްކުރުމުގައި އެ ބޭންކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. އަދި މި ބޭނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކުވެސް ސޮއިކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ހިޔާވަހި ފައިނެންސް ސްކީމް“ގެ ދަށުން ލޯނަށް އެދެމުގެ ފުރުޞަތު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށާއި މި ލޯން ދޫކުރާނީ ފުރަތަމަ ފަހަރަށް ގެ އަޅާ ފަރާތްތަކަށް އެކަނި ކަމަށް ވެސް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.




