ތިބާގެ އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތުގައި ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެކެވެ. އަދި އެމީހެއްގެ އަނބިމީހާ އަކީ ފުދުންތެރި ނުވަތަ މުއްސަންޖަކަށްވީ ކަމުގައިވީ ނަމަވެސް ފިރިމީހާ އޭނާގެ އަނބިމީހާ އާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެއެވެ. އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ބައެއް މީހުން ހީކުރާ ގޮތުގައި ޞަދަޤާތަކީ ފަޤީރުންނަށާއި މިސްކީނުންނަށް އެކަނި ދެވޭ އެއްޗެކެވެ. އެހެނަސް އަނބިމީހާއަށް ކާންދޭ އެއްޗަކީ ވެސް ސަދަގާތުގެ ގޮތުގައި ބެލެވޭނެ އެއްޗެއްކަން ރަސޫލާ z ޙަދީޘް ބަސްފުޅުން ހާމަވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އަނބިދަރީންނަށް ހޭދަކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަހުރި ކަމެއް ކަމަށާއި ތިމާގެ އަނބިދަރީންނަށް ހޭދަކުރުމަކީ އެންމެ ހެޔޮ ހޭދަކުރުން ކަމުގައި ވެސް ބުނެފައިވެއެވެ.
ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވައިފައިވާ ބަޔެއްކަން ފާހަގަކުރުމަށްފަހު ޚުތުބާގައި ބުނީ އޭނާއަށް ޙަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން ކަމަށެވެ. އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެކަމަށް އިހުމާލުވާކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އެގޮތުން، ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދުނޫން ކަމަށާއި ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއްނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެއް ކަމަށާއި މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން އެމީހަކާއި ސުވާލުކުރެވޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން މިގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ވަޞިއްޔަތްކޮށްފައެވެ.
މީގެއިތުރުން، ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޛުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެތެވެ. އެދި އެފަދަ ހާލަތުގައި އެއީ ވައްކަމުގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.



