އިޒްރޭލުން އީރާނުގެ މިސައިލް ސައިޓްތަކާއި އަސްކަރީ މަގާމުތަކަށް ރޭގައި ދިން ހަމަލާތައް ސައުދީ އަރަބިއާ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އިޒްރޭލުން ވަނީ އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކަށާއި މިސައިލް ސައިޓްތަކާއި ބައެއް ސަރަހައްދުތަކުގައި ހުރި އަސްކަރީ އެކި ތަންތަނަށް ވައިގެ ހަމަލާތަކެއްދީ އެ ހަމަލާތަކަށް އީރާނުން ރައްދެއް ދީފި ނަމަ އަދާކުރަންޖެހޭ އަގު އަދި މާ ބޮޑުވާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.
މިކަމާ ގުޅޭގޮތުން ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އިޒްރޭލުގެ އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.
ސައުދީ އަރަބިއާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އިޒްރޭލުގެ މި ހަމަލާތަކުގެ ސަބަބުން ދެ ޤައުމު ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރުވެދާނެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށާއި އެއީ އެ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
އެހެންކަމުން އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ވީއެންމެ އަވަހަކަށް ނިމުނެއް ގެނެސް، ހަމަލާތައް ދިނުން ހުއްޓާލުމަށް ސައުދީން ގޮވާލާފައިވެއެވެ. އަދި މިފަދައިން މިސައިލް ސައިޓްތަކާއި އަސްކަރީ މަގާމުތަކަށް ހަމަލާ ދިނުމުން އޭގެން ނިކުންނާނީ ވަރަށް ހިތި ނަތީޖާއެއްކަން ވެސް ސައުދީން ފާހަގަކުރިއެވެ.
މީގެއިތުރުން ސައުދީ އަރަބިއާ އިން ވަނީ އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައި މިވާ ދެބަސްވުންތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް ބައިނަލްއަގުވާމީ ކޮމިއުނިޓީތަކާއި ޕާޓީތަކަށް ގޮވާލާފައެވެ.



