އާޓިފިޝަލް ބީޗު ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޓު ވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު 16:10 ހާއިރު އާޓިފިޝަލް ބީޗު ކައިރިން ކަފިހި ހުރަސް މަތިން ހިނގާފައިދިޔަ އަންހެނެއް ގައިގައި ކާރަކުން ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއީ ކަފިހި ހުރަސް މަތިން ހިނގާފައިވާ ދިޔަ މީހެއް ގައިގައި ޖެހިގެން މިމަހު ހިނގާފައިވާ 2 ވަނަ އެކްސިޑެންޓެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ވެސް މަޖީދީ މަގު، ވިލާ މާޓު ކައިރީ ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަނިކޮށް ތިން އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ވަނީ އެކްސިޑެންޓުވެފައެވެ.
މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.



