އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުން ވަކިކުރި އައިޝަތު ޖެނިފާ، އަލުން އެމަގާމަށް އައްޔަން ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2018 ޑިސެމްބަރު 25 ގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަން ކޮށްފައި ވަނިކޮށް، އޭނާ އެމަގާމުން ވަކިކޮށްފައި ވަނީ މި ސަރުކާރުން ވެރިކަމަށް އައިސް މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އައިއޭއެސްގެ ބޯޑު ބައްދަލުވުމެއްގައެވެ.
މިމައްސަލައިގައި ޖެނިފާ ވަނީ އޭނާ އެވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމާ އެކު ބަދަލު ނަގައިދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުސްވި މާޗު މަހު ހުށަހަޅައިފައެވެ.
ޓްރައިބިއުނަލުން މިމައްސަލަ ބެލުމަށްފަހު، ޙުކުމްކުރީ ޖެނިފާ ވަޒީފާއިން ވަކި ކޮށްފައި ވަނީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ހުއްދަ ކުރާފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބެލެވެން ނެތް ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
މިއާއިއެކު ޓްރައިބިއުނަލުން ވަނީ ޖެނިފާ އަދާކުރަމުންދިޔަ މަގާމަށް އަލުން އަނބުރާ ރުޖޫއަ ކުރުމަށް އަމުރުކޮށްފައެވެ.
ހަމައެއާއިއެކު، މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭފަދަ އެކަށީގެންވާ ސަބަބެއް ނެތި ޖެނިދާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުރަވެވޭތީވެ ގެއްލުމުގެ ބަދަލެއްގެ ގޮތުން ވަޒީފާއިން ވަކިކުރި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެމުންދިޔަ 57،171 ރުފިޔާގެ ނިސްބަތުން އެއް މަސް ދުވަހަށްވާ ފައިސާ ނަގައިދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.
މީގެއިތުރުން 30 ދުވަހުގެ ތެރޭގައި އެ ހުރިހާ ކަމެއް ފުރިހަމަކޮށް، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް ވެސް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.




