ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު މަގާމުގައި ހުންނެވި އިރު އެ އޮފީހުން ކޮށްފައިވާ ދައުވާތަކާއި ގުޅޭ ގޮތުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
މިމަހުގެ 1 ވަނަ ދުވަހު ޝަކުވާ ހުށަހަޅަން ހުޅުވާލައި 20 ދުވަސް ދީފައިވާއިރު، ޖުމްލަ 539 ޝަކުވާ މުރާޖަޢާ ކުރުމަށް އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި މިޝަކުވާތައް މިހާރު ކޮމިޓީން މުރާޖައާ ކުރަމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމިޓީގެ މައިގަނޑު މަސައްކަތަކީ މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ޖިނާއީ ކުށްތަކާ ގުޅިގެން ހައްޔަރުކޮށް ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ޤާނޫނުއަސާސީއާއި ޤާނޫނާއި ކަމާ ގުޅުންހުރި ގަވާއިދުތަކުގެ އިމުގެ ތެރެއިން ގޮތެއް ނިންމައި، އެކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްއަށް އެރުވުމެވެ.
ހަމައެއާއިއެކު، އެއްވެސް މައްސަލައެއްގައި ކުރިން ޕީޖީ އޮފީހުން ނިންމާފައި އޮތް ނިންމުމެއް ބަދަލުކުރާ ނަމަ، އެކަން ކުރަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފު ވެސް ކޮށް ދެއްވާނެ ކަމަށާއި، ނިންމުމެއް ބަދަލުނުކުރާ ނަމަ، ޝަކުވާ ހުށަހެޅުއްވި ފަރާތަށް އެކަން އަންގާނެ ކަމަށް ޕީޖީ ބުނެފައިވެއެވެ.
މީގެއިތުރުން، އެއްވެސް މައްސަލައެއް އަމިއްލަ އިސްނެންގެވުމަށް ނުބައްލަވާނެ ކަމަށް ޕީޖީ އައްބާސް ޝަރީފް ވަނީ ވިދާޅުވެފައެވެ.



