ދެއިރު ދެދަޅައަށް ބޯވަ ހެދިގެން އުޅޭ މީހުންނަށް ސިޔާސީ ޕާޓީ އުފައްދާ، ސިޔާސީ ހަރަކާތް ހިންގާނެ ގޮތެއް ނޭގޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
“ ދެއިރު ދެދަޅައަށް ބޯވަ ހެދިގެން އުޅޭ މީހުންނަށް ސިޔާސީ ޕާޓީ އުފައްދާ، ސިޔާސީ ހަރަކާތް ހިންގާނެ ގޮތެއް ނޭގޭނެ“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ރައްޔިތުން ވަންނަގޮތާއި ރައްޔިތުންގެ ތާއީދު ސިޔާސީ ހަރަކާތައް ހޯދަން އެގޭނީ ހިތްވަރާއެކު އެކަމުގައި އުޅެން ކެރޭ މީހުންނަށް ކަމަށެވެ.
މީގެއިތުރުން، އެއީ ތިބި ފިކުރެއްގައި އެގޮތުގައި ދެމިތިބޭ ބަޔަކަށް ކުރަން އެގޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެފަދައިން ބުނާ މީހުންނަށް ރައްދުދެއްވާ ޝުޖާއު ވިދާޅުވީ އެމީހުން ތިބީ ގަބު ކައިފައި ކަމަށާއި، ކަންނެތް ކަމުން އަމިއްލަ ރަށުން ޕާޓީ އަށް 100 ފޯމް ނުހޯދޭ މީހުން ސިޔާސީ ޕާޓީ އަށް މީހުން ވަންނަ ގޮތުގެ ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް ކަމަށެވެ.
މެންބަރު މިހެން ވިދާޅުވެފައި ވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރަން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ އެމްޑީޕީން މިރޭ ނޫސްބަޔާނެއް ނެރުމާއި ގުޅިގެންގެންނެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ޕީއެންސީއަށް މެންބަރުން އިތުރުކުރާ ކަމުގެ ތުހުމަތުކޮށް ބުނެފައި ވަނީ ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް ފޯމު ފުރައި މެމްބަޝިޕް އިތުރު ކުރަމުންދާ ކަމަށާއި، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފުތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ ކަމަށެވެ.




