ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ)ގެ ކުންފުނިން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނު ނުދެއްކުމުން އެކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ތިން ރަށް ވިއްކާލަން އިއުލާންކޮށްފިއެވެ.
މޫސާ މަނިކުގެ ކުންފުނިކަމަށްވާ ހެވީ ލޯޑް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑަށް ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތަކެއް ނުދެއްކުމުން ބީއެމްއެލުން ވަނީ ލ. އަތޮޅުގައި އެކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ 3 ރަށް ވިއްކާލުމަށް އިއުލާނުކޮށްފައެވެ.
އެގޮތުން ބީއެމްއެލް އިން ވިއްކާލުމަށް އިއުލާނު ކޮށްފައި ވަނީ:
- ފަރެސް
- ކުޑަ ފަރެސް
- ބޮޑުހުރާ
އެހެންކަމުން މިރަށްތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި ބިޑު ހުށަހެޅުމަށް ބޭންކުން ވަނީ މިހާރު ހުޅުވާލައިފައެވެ.
ބޭންކުން ވަނީ ދެ ގޮތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދީފައެވެ. ފުރަތަމަ ގޮތަކީ ފަރެސް، ކުޑަ ފަރެސް، ބޮޑުހުރާ އެންމެ މަދުވެގެން 23 މިލިއަން ޑޮލަރަށް ގަންނަން ބިޑުކުރުމެވެ. އަދި ދެވަނަ ގޮތަކީ ފަރެސް އަދި ކުޑަ ފަރެސް، އެންމެ މަދުވެގެން 23 މިލިއަން ޑޮލަރަށް ގަންނަން ބިޑުކުރުން ނުވަތަ ބޮޑުހުރާ އެކަނި އެންމެ މަދުވެގެން 23 މިލިއަން ޑޮލަރަށް ގަންނަން ބިޑުކުރުމެވެ.
އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 12ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ ބަންދުކުރެވިފައިވާ ސިޓީ އުރައިގައި ކަމަށް ބެންކުން ބުނެފައިވެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވާ ގޮތުގައި އެންމެ މަތިން ބިޑު ހުށަހަޅާ ފަރާތުން 100،000 ޑޮލަރުގެ ފީއެއް ފަސް ދުވަސް ތެރޭ ދައްކަން ޖެހޭނެ އެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ގެޒެޓުގައި ބީއެމްއެލްއިން އާއްމުކޮށްފައިވާ ވަނީ އާންމުކޮށްފައިވާއިރު، ބިއެމްއެލްއިން ވަނީ މިފަހުން ވެސް ލޯނު ނުދެއްކުމުގެ ސަބަބުން މާލޭގެ 2 ގޯއްޗެއް ވިއްކުމަށް އިއުލާނު ކޮށްފައެވެ.



