ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަޖެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ހާމާކޮށްފައިވާ ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ޚާއްސަ އިންސްޕެކްޝަންތަކެއްގައި އެފަދަ ފަސް މައްސަލައަކާ ގުޅިގެން ނުވަ ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭގެތެރޭގައި މިމަހުގެ ހަތެއްގައި ހިންގި އިންސްޕެކްޝަނެއްގައި ހިފެހެއްޓި 27 އަހަރުގެ އަންހެނަކާއި ނުވަ ވަނަ ދުވަހު ހިފެހެއްޓި 35 އަހަރުގެ އަންހެނަކާއި 41 އަހަރާއި 30 އަހަރުގެ ދެ ފިރިހެނެއްގެ އިތުރުން، މިމަހުގެ 15 ވަނަ ދުވަހު 33 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ.
މީގެއިތުރުން މިދިޔަ އާދިއްތަ ދުވަހާއި އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި 21 އަހަރާއި 23 އަހަރުގެ ދެ އަންހެނަކާއި 36 އަހަރުގެ ދެ އަންހެނުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އިމިގްރޭޝަނުން އިތުރަށ ބުނީ އެމައްސަލަތައް ތަހުގީގު ކުރުމަށްފަހު އޭގެ ތެރެއިން ފަސް އަންހެނަކާއި ފިރިހެނަކު، އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިން މީހުން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ޚިދުމަތުން އެ މީހުންގެ ނަމާއި އުމުރާއި ފޮޓޯ އާންމު ކުރި ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފައި ނުވެއެވެ.


