ޖަލުތަކުންކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް، ޖަލު އޮފިސަރުންގެ ފުލް ބޮޑީ ސްކޭންކުރަން ފުލް ބޮޑީ ސްކޭން މެޝިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުބީ މަގާމާ ހަވާލުވެވަޑައިގަތް އިރު ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ވަރަށް ގިނަ ކަމަށެވެ.
އިހުސާން ވިދާޅުވީ ސިފައިންނާއި ފުލުހުން އަދި ޖަލު އޮފިސަރުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ 19 އޮފިސަރެއް ފާހަގަވެފައިވާ ކަމަށާއި މިއޮޕަރޭޝަންގެ ތެރޭގައި ޖަލު ރެއިޑް ކުރެވި ޖަލުން ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެވުނު ކަމަށެވެ.
މީގެއިތުރުން އެއޮޕަރޭޝަނަށްފަހު، ޖަލަށް އެފަދަ ތަކެތި ވެއްދުން ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
”އޭގެ ފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ޖަލުން މިކަމުގައި ބައިވެރިވާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެފަ މި އޮތީ. ނަމަވެސް 100 ޕަސެންޓް ހައްލެއް ނުވޭ.“ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވިއެވެ.
އެހެންކަމުން މިކަންކަން ހައްލުކުރުމުގެ ގޮތުން، ޖަލުގައި ޖިއޯ ފެންސިން ހަދައި ޖަލުގައި ފޯނު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޖަލުގައި ފޯނު ކުރުން ހުއްޓުވޭނެ ދާއިމީ ހައްލެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ޖަލު އޮފިސަރުން ޖަލަށް ވަންނަނީ ސްކޭން ނުކުރެވި ކަމަށާއި ސްކޭން ކުރާނެ މެޝިން ވެސް ނެތް ކަމަށެވެ. އެހެންނަމަވެސް މިހާރު ވަގުތީ ގޮތުން މެޓަލް ޑިޓެކްޓާ ހަރުކޮށްފައިވާ ކަމަށާއި މިހާރު ފުލް ބޮޑީ ސްކޭން ކުރެވޭނެ މެޝިން ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.




