ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަލަތަކުގައި ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށާއި ބޭނުންވެއްޖެ ނަމަ އެ ފައިސާ އޮޑިޓް ވެސް ކުރެވޭނެ ކަމަށް ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ފުލުހުންގެ ހިދުމަތުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ފައިސާއާމެދު އަމަލުކުރާނެ ހާއްސަ އުސޫލެއް އޮންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ ދިވެހި ފައިސާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ ހެޑްކުއާޓަރަށް ގެނެވޭ ކަމަށެވެ.
އިހުސާން ވިދާޅުވީ އޭގެ ފަހުން ފުލުހުންގެ މައި މަރުކަޒުގެ ތެރެއިން ފައިސާގެ ކަންކަން ބަލަހައްޓާ އިދާރީ ބަހާގެ ބެލުމުގެ ދަށުން އެމްއެމްއޭގައި ގާއިމުކުރެވިފައިވާ ވަގުތީ އެކައުންޓަކަށް އެ ފައިސާ ޖަމާކުރެވޭނެ ކަމަށާއި، ހިފަހައްޓާ ބޭރު ފައިސާ ރައްކާ ކުރެވެނީ ފުލުހުންގެ އިދާރާގައި ހުންނަ އެކަމަށް ހާއްސަ ތިޖޫރިއެއްގައި ކަމަށެވެ.
”މި ފައިސާއަކީ ކޮންމެ ވަގުތަކު ވެސް ފުލުހުންގެ ބަހާތަކުގެ އިސްވެރިންނާއި ދައުލަތުގެ އިދާރާއެއްގެ އިސްވެރިއަކު ބޭނުންފުޅު ނަމަ އޮންނަ އުސޫލުގެ ތެރެއިން އޮޑިޓް ކުރެވި އެ މައުލޫމާތު ރައްކާކުރެވިގެންދާ ތަނެއް.“ އިހްސާން ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެކިއެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާ ފައިސާ ކޯޓު މަރުހަލާއަށް ދެވެންދެން ރައްކާ ކުރެވެނީ ތިޖޫރިއެއްގައި ކަމަށެވެ. އެއީ ވެސް ބޭނުންވެއްޖެ ހިނދެއްގައ އޮޑިޓު ކުރެވޭނެ ފައިސާކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ އެގޮތުން ހިފެހެއްޓޭ ފައިސާއަކީ ވަކި ބޭފުޅަކު އެދިފައި ނުވި ނަމަވެސް ކަނޑައެޅިފައި އޮންނަ މުއްދަތުގައި އޮޑިޓް ކުރެވޭ ފައިސާ ކަމަށެވެ.



