ސިޔާސީ ބޭނުމަށް އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުބައި ވިސްނުން ވިސްނަ ދިނުމަށް ވޭޕް މަނާކުރުމަކީ ކަމުދާ އިސްލާހެއް ނޫންކަމަށް ދެއްކުމަށް އެމްޑީޕީން މަސައްކަތް ކުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ މިއީ ސިޔާސީ ބޭނުމަށް ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި މިފަދަ ވާހަކަތައް އެމްޑީޕީން ދައްކާ ކަމީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.
”ސިޔާސީ ބޭނުމަށް އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުބައި ވިސްނުން ވިސްނަ ދިނުމަށް މިއިސްލާހަކީ ކަމުދާ އިސްލާހެއް ނޫންކަމަށް އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތަކަކީ ވަރަށް ހިތާމަ ހުރި ކަމެއް“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކައަކީ ސިޔާސީ މީހުން އެކަނި ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިއަދު ސިޔާސީ މީހުން މިވާހަކަ ދައްކަނީ ސިޔާސީ މީހުންނަކީ މިގައުމުގެ ގާނޫނުހަދާ (ލޯ މޭކަރުން) ކަމަށް ވާތީވެ އާއި މިގައުމުގެ ޒުވާން ޖީލާއި އަޅުގަނޑުމެންގެ ރައްޔިތުންގެ ސިއްހަތަށް ފައިދާހުރި މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު، އެއަށް އެއްބާރުލުން ދޭން ތިބެން ޖެހޭ ބަޔަކީ ވެސް ސިޔާސީ މީހުން ކަމަށްވާތީވެ ކަމަށެވެ.
މަސްތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުޙިންމު އަމާޒެއްކަން ފާހަގަކުރައްވާ މެންބަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރަން ހުށަހަޅާފައިވާ އިސްލާހަކީ ރައީސްގެ މިއަމާޒު ހާސިލު ކުރުމަށްޓަކައި ގެނެވޭ މުހިންމު އިސްލާހެއް ކަމުގައި މިއިސްލާހެއް ކަމަށެވެ.
އެގޮތުން މިއިސްލާހު މުހިންމު ވަނީ މިއިސްލާހަކީ މަސްތުވާތަކެތި ޓޫލްއެއްގެ ގޮތުގައި ވޭޕް ބޭނުން ކުރަމުން ގެންދާ ގެންދިއުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި މިއިސްލާހު ވެގެންދާތީވެ އާއި މަސްތުވާ އެއްޗެއް ކަމުގައިވާ ކެނެބިސް އޮއިލް އަޅާފައި ހުންނަ ވޭޕް ކާޓްރިޖް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށް އަދުގެ ޒުވާން ޖީލާއި ސްކޫލު ކުދިންނަށް އެތަކެތި ދޭ ކަން ފާހަގަވެފައިވާތީވެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
”މިއިސްލާހު މުހިންމުވެގެންދަނީ މަސްތުވާ އެއްޗެއް ކަމުގައިވާ ކެނެބިސް އޮއިލް އަޅާފައި ހުންނަ ވޭޕް ކާޓްރިޖް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށް އަދުގެ ޒުވާން ޖީލާއި ސްކޫލު ކުދިންނަށް އެތަކެތި ދޭ ކަން ފާހަގަވެފައިވާތީވެ“ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ހެކިތަކުން ދައްކާގޮތުގައި ވޭޕް ކުރަން ފަށާފައިވާ ޒުވާނުން ސިނގިރޭޓު ބުއިމާ ދުރުކޮށްދޭ އިސްލާހަކަށް މިއިސްލާހު ވެގެންދާތީވެ މިއިސްލާހު ފާސްކުރުން މުހިންމު ކަމުގައި ދެކޭ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވުނު ބިލަކީ ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލެވެ.




