މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު، އިތުރު ބަދަލަކާ ނުލައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ފަސް ބިލިއަން ރުފިޔާގެ ބަޖެޓެއް އިތުރު ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ބަޖެޓު ހުށަހެޅުމުން، އެ ބަޖެޓާމެދު އެދުވަހު ބަހުސް ކުރުމަށްފަހު، އިތުރަށް މަޝްވަރާ ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ. ނަމަވެސް ބަޖެޓަށް ބަދަލެއް ގެންނަން ނުޖެހޭކަމަށް ކޮމިޓީން ނިންމައި މިއަދު ނެގި ވޯޓާއެކު ސަޕްލިމެންޓަރީ ބަޖެޓު ވަނީ ފާސްކޮށްފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ނެގި ވޯޓުން މި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 75 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 11 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރެއް ނެތެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ 2 ބިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
ސަޕްލިމެންޓަރީ ބަޖެޓާ އެކު، މި އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.


