މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައިވާ ކަމަށާއި މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، އެމަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވެސް މިއަދު ވަނީ ޔަގީންކޮށްދެއްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު މިއަދު ވިދާޅުވީ މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި 16 މިލިއަން ރުފިޔާ މާދަމާގެ ނިޔަލަށް މަސްވެރިންނަށް ދީ ”ބެކްލޮގް“ އެއްކޮށް ”ކްލިއާ“ ކުރައްވާނެ ކަމަށެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައިވަނީ ސްވެރިންނަށް ދޫކޮށްފައި ހުރި ލޯނުތަކަށް ފައިސާ ނުދެއްކިވާ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް މިހާތަނަށް ނުދެވި ހުރީ 16.2 މިލިއަން ރުފިޔާ ކަމަށާއި މާދަމާގެ ނިޔަލަށް މަސްވެރިންނަށް ދީ ”ބެކްލޮގް“ އެއްކޮށް ”ކްލިއާ“ ކުރައްވާނެ ކަމަށެވެ.



