ގެމްބިޔާގެ ފަސްޓް ލޭޑީ ފާތުމައްޓާ ބައްބަރޯއާ މެޑަމް ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ދެޤައުމުގައި ހުރި އެއްގޮތް ނާޒުކު މައްސަލަތައް ޙައްލުކުރުމަށް މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މުހިއްމުކަމުގެ މައްޗަށް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން މެރކް ފައުންޑޭޝަންގެ ފަރާތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން މުޅި ދުނިޔެއަށް ބަލާއިރު، ކޮންމެ ޤައުމަކަށް ނިސްބަތްވީނަމަވެސް އަންހެނުންނަށް އެއް ބާވަތްތަކެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.



