މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓިއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތައް އެކުންފުނީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާއިރު، ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުމެވެ.
އެގޮތުން، އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
އެހެންނަމަވެސް ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު ވަނީ އިތުރުވެފައެވެ. ނަމަވެސް މިއާއިއެކު، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވެ، މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓިއޯއަށް ވަނީ 251 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައި ވަނީ 198 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 12 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ވެސް ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުވުން ކަމުގައި އެސްޓިއޯއިން ބުނެފައިވެއެވެ.




