ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަސިންޖަރު ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތަ ކުރިއަރާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަސިންޖަރު ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ރާއްޖެއަށް އަންނަ ފަސިންޖަރުންގެ އަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި ފަތުރުވެރިކާމާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއިއެކު 2025 ވަނަ އަހަރުގެ ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތަ ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



