ސިނގިރޭޓާއި ވޭޕުން ނަގާ ޑިއުޓީ ދެގުނައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ތާއިދާއިއެކު އެވެ. މިބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އަށް މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ހުށަހެޅުއްވި މިބިލުގެ މަގުސަދަކީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ. އަދި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއާއި ކެމިކަލް 50 ޕަސަންޓަށް ބޮޑު ކުރުމަށާއި މިލިލީޓަރެއް އަށް ރުފިޔާ ބޮޑުކުރުމުގެ އިތުރުން، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ބާވަތްތަކުން ނަގާ ޑިއުޓީ މިންވަރު ވެސް މިފަދައިން ބޮޑުކުރަން ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި ބިލުގައި ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 50 ޕަސަންޓަށް އަދި ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން އަށް ރުފިޔާ ނަގަން ވެސް ހުށަހަޅާފައިވެއެވެ.
މިއަދު މަޖިލީހުން ފާސްކޮށްފައިބާ އިސްލާހުތަކާއި އެކު ސިނގިރޭޓާއި ބިޑިން ނަގައި ޓެކުހުން ސަރުކާރަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ކަމުގެ ސަބަބުން މި އަހަރު އެކަނި ވެސް ދައުލަތަށް 180.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.




