ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ތަޢާރުފު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ޔުނިވާސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކްރިޕްޓޯ ކަރެންސީ ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، މަސައްކަތްތައް ފަށަން އެމްއެމްއޭގެ ގަވަރުނަރަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން، ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ގެނައުމުގައި އޭގެ ޤާނޫނީ ހުރިހާ ކަންތައްތަކަކަށްވެސް ފަރުވާ ލިބޭގޮތަށް ހާއްސަ ގާނޫނު ހެއްދެވުމަށާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
”އެ މަސައްކަތާ ގުޅޭ ޢަމަލީ މަސައްކަތްތަކުގައި، މިހާރު އެމްއެމްއޭގެ ގަވަރުނަރު މަސައްކަތް ފަށްޓަވައިފި. ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ގެނައުމުގައި އޭގެ ޤާނޫނީ ހުރިހާ ކަންތައްތަކަކަށްވެސް ފަރުވާ ލިބޭގޮތަށް ޚާއްޞަ ޤާނޫނު ހެއްދެވުމަށް. އަދިވެސް ދެން ހުންނަ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް،“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިކަންކަމަކީ، ކިޔަވައިގެން ނުކުންނަ ކުދިން، ޒުވާނުން، އެކިއެކި ފަންނުވެރިން ރާއްޖޭގެ އިޤްތިޞާދުގައި ޙަރަކާތްތެރިވުމުގައި ހުރި ފުރުޞަތުތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން، އާޓިފިޝަލް އިންޓެލިޖަންސްގެ ތެރެއިން، ރާއްޖެ ވެގެންދާނީ، ދުނިޔޭގެ މައިދާނުގައި އަދި އަމުދުން މިކަހަލަ ކުޑަ ޤައުމަކަށް ބަލާއިރު، އެންމެ ކުރީ ސަފުގައި ވަރަށް ބޮޑަށް ލީޑްކުރާ ޤައުމަކަށް ކަމަށެވެ.
”އެއީ، އަޅުގަނޑުމެންގެ އެމްބިޝަން، ނަތީޖާ. އަޅުގަނޑަށް މުހިންމީ ނަތީޖާ. ނަތީޖާ ހާސިލުކުރުމުގައި، ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޢަޒުމުގައި އިރާދަކުރެއްވިއްޔާ، މިއަދާ ހަމައަށްވެސް އައީ. ކުރިޔަށް އޮތްތާނގައިވެސް ހަމަ އެންމެންގެ އެހީތެރިކަމާއެކީގައި ދާނީ،“ ރައީސް ވިދާޅުވި އެވެ.
ހަމައެއާއިއެކު، ގްރެޖުއޭޓް ވުމަށްފަހު މިހާރު ވަމުންދާގޮތް އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ ކަމަށާއި ޤައުމީ ލެވެލްގައިވެސް، ފަރުދީ ލެވެލްގައިވެސް އަދި ބައިނަލްއަޤްވާމީ ލެވެލްގައިވެސް ކަންކަން ވާގޮތް ވިސްނާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ގަބޫލު ކުރާނީ އެހެން މީހަކު ބުނާ ވާހަކައެއް ނޫން ކަމަށާއި އަމިއްލަ ސިކުނޑިން ވިސްނަން ޖެހޭ ކަމަށާއި އަދި އެއިރުން ކަންކަން ވާގޮތް ވަރަށް ފަސޭހައިން ފަހުމްވާނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ އަމިއްލަ ނަފުސަށް އިތުބާރުކޮށް އަމިއްލަ ސިކުނޑިން ވިސްނައިގެން މިއަދާ ހަމައަށް ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ، ފޮނިމީރުކަން، ތިމަންނަގެ ނަފުސަށާއި، ތިމަންނަގެ ޢާއިލާއަށާއި، އަދި ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކުރިއަށް ދިޔުމަށް އިލްތިމާސް ކުރައްވާފައެވެ.



