މުއުމިނަކީީ އޭނާގެ ދުލަށް ރައްކައުތެރިވެ ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ހަނުހުރުގެ މައްޗަށް އަލިއަޅުވާލައި ބުނީ ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއް ކަމަށެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުގައި ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. އެގޮތުން، ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އެމީހަކު ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށްކަން ފާހަގަކުރުމަށް ފަހު ޚުތުބާގައި ބުނީ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އެމީހަކު އަތްއަތަށް ދަމާން ފަށައިފާނެ ކަމަށެވެ. އެގޮތުން އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އެމީހަކު އަނބުރައިލައިފާނެ ކަމަށާއި އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އެމީހަކު ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށާއި ވާހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވެ، ހަރުދަނާކަމާއި ދޯހަޅިކަން ފެނިގެންދާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވެ، ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެކެވެ. އަދި މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ރަސޫލާ ﷺ މުސްލިމުންނަށް ހެޔޮ ބަހެއް ނޫނީ ނުބުނުމަށް އަމުރުކުރައްވާފައިވާ ކަމަށާއި ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބި، މީސްތަކުންގެ ގާތުގައި ރުހުމާއި މަޤްބޫލުކަން ލިބިގެންދާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ މީހުން ވެގެން ދާނީ މީސްތަކުންގެ ގާތުގައި އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށް ކަމަށާއި މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނެ ކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ އެފަދަ މީހުން ވެގެންދާނީ މުޖްތަމަޢު އިޞްލާޙުކޮށްދޭ ފަރުދަކަށް ކަމަށެވެ.
ހަމައެއާއިއެކު، ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުން ކަމަށާއި ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން ވާހަކަދައްކަން ވާނީ މިކަމަށް ސަމާލުވެގެންކަން ފާހަގަކުރުމަށްފަހު ޚުތުބާގައި އިތުރަށް ބުނީ މުއުމިނާ އަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް އާރާސްތުކުރާ، މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެއް ކަމަށެވެ.
މިއާއިއެކު، މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމަށާއި، ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެއް ކަމަށާއި، މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށް ހަނދުމަށްކޮށްދީ، ބުނެފައި ވަނީ ދުނިޔެއާއި އާޚިރަތުގައި ނަޖާވުމުގެ ވަސީލަތަކީ ދޫ ރައްކައުތެރިކުރުމާއި ހަނުހުރުން ކަމަށެވެ.



