ސަރބިއާގެ ޓްރެއިން ސްޓޭޝަނެއްގެ ކޮންކްރީޓު ސީލިންގެއް ވެއްޓި ދިމާވި ކުއްލި ހާދިސާގައި 14 މީހަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި، ސަރބިއާގެ އުތުރުން އޮންނަ ނޯވީ ސޭޑް ސިޓީގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ހާދިސާ ހިނގި ވަގުތު ވެއްޓުނު ސީލިންގުގެ ދަށުވެގެން އަށް މީހަކު މަރުވި ކަމަށާއި ހަ މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ކަމަށް ސަރބިއާގެ އިންޓީރިއަރ މިނިސްޓަރު އިވިކާ ޑެސިކް ބުންޏެވެ.
މިހާދިސާގައި ސަލާމަތް ކުރެވުނީ ތިން މީހުން ކަމަށާއި އެމީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ހުރުމުގެ ސަބަބުން ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް އިވިކާ ބުންޏެވެ.
ސަރބިއާގެ ރައީސް އެލެކްސެންޑަރ ވުކިކް ރޭގައި މިހާދިސާއާ ގުޅޭގޮތުން އެ ޤައުމުގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މަރުވި މީހުންގެ ތެރޭގައި އުކުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށާއި އުތުރު މެކެޑޯނިއާގެ ރައްޔިތަކު ވެސް ހިމެނޭ ކަމަށެވެ.
”މިހާދިސާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މިކަމުގައި ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކަށް ފުރިހަމަ އަދަބު ދޭނެ ކަމުގެ ޔަގީންކަން ދެން“ ރައީސް ވުކިކް ބުނެފައިވެއެވެ.
މީގެއިތުރުން ރައީސް ވުކިކް ބުނީ މިއީ ސަރބިއާއަށް ދިމާވި ވަރަށް ވެސް ހިތާމަވެރި ހާދިސާއެއް ކަމަށާއި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުވާކަމަށެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ވެއްޓުނު ކޮންކްރީޓު ސީލިންގުގެ ދިގުމިނުގައި 35 މީޓަރު (115 ފޫޓު) ހުއްޓެވެ. ސީލިންގު ވެއްޓިގެން އޭގެ ދަށުވި މީހުން ކޮންކްރީޓުގަނޑުގެ ދަށުން ނެގުމުގެ މަސައްކަތް އިއްޔެ މެންދުރުން ފެށިގެން ރެއާ ޖެހެންދެން ކުރިކަމަށް ވެސް ބުނެފައިވެއެވެ.
”ބޭރުގެ ސާފު ވައި ޖައްސާލުމަށް އަހަރުމެންގެ ގޭގެ ކުޑަދޮރު އެވަގުތު ހުރީ ހުޅުވާފައި. އެވަގުތު ބާރު އަޑެއް އިވިގެން ބަލާލިއިރު ފެނުނީ މުޅި އެސަރަހައްދު ހިރަފުސް ދުމުން ފުރާލާފައި އޮއްވާ“ އެ ޓްރެއިން ސްޓޭޝަނާ 200 މީޓަރު ދުރުގައި ދިރިއުޅޭ އުމުރުން 86 އަހަރުގެ ވޭރާ، އެ މަންޒަރު ސިފަކޮށްދެމުން ބުނެފައިވެއެވެ.




