މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގައި އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ”އެންމެ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު“ ދީފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ އުސޫލާއި މަޤްސަދުތަކާ ޚިލާފަށް ކަމުގައި ނޫސްވެރިކަމުގެ އެވޯޑަށް ފަނޑިރާޔުކަން ކޮށްދެއްވި ފަނޑިޔާރުން މިއަދު ވިދާޅުވެއްޖެއެވެ.
އެގޮތުން މި އެވޯޑަށް ފަނޑިޔާރުކަން ކޮށްދެއްވި ހަ ބޭފުޅުން ކަމުގައިވާ މުޙައްމަދު ސަލީމް، ފާތިމަތު އަޝްވާ ފަހީމް، ޝަމްޢާން ޝާކިރު، ޢަބްދުﷲ ނަޢީމް އިބްރާހިމް، ޙަސަން އާމިރު އަދި ޢަބްދުﷲ އަޒްމީން ސޮއި ކުރައްވާ މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލަށް ބެލުމެއްނެތި ޝާއިއު ކޮށްފައިވާ ކޮންޓެންޓެއްކަން އެމްއެމްސީއަށް ފާހަގަވެ އެކަން އެގޮތަށް ނުކުރުމަށް 28 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި އެކައުންސިލުގެ ނޫސްބަޔާނުން ވެސް އެނގެން އޮންނާނެ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެ އުފެއްދުން ބަލައިގަނެ ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަންވާވަރަށް ނުބަލާ ކަމަށާއި އެހެންކަމުން އެ އުފެއްދުން އެ ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް އެމްއެމްސީން ޒިންމާދަރުކަމާއެކީ ޖަވާބުދާރީވެފައިނުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެ އުފެއްދުމާ ގުޅޭގޮތުން ފަނޑިޔާރުން އިތުރަށް ވިދާޅުވެފައިވަނީ އޯޑިއޯ/ވީޑިއޯ ދާއިރާއިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފުވެރި ކުރުމަށް ފަނޑިޔާރުންނަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނޭ ގޮތް ވެސް ވަރަށް ބޮޑަށް ހަނިކޮށްފައިވާކަމަށެވެ.

އެހެންކަމުން މިއީ އިނާމު ދިނުމުގެ އުސޫލާ ޚިލާފަށް ގެންގޮސްފައިވާ ކަމެއް ކަމުގައި ވެސް ފަނޑިޔާރުންގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އޯޑިއޯ/ވީޑިއޯ ދާއިރާއިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް ހުށަހަޅާފައިވާ އުފެއްދުމަށް އެވޯޑު ލިބިފައިވަނީ އަދަދު ނޫހުން ހުށަހަޅާފައިވާ އުފެއްދުމަކަށެވެ. އެ އުފެއްދުމަކީ މިންގަނޑުތަކާ ޚިލާފަށް އުފައްދާފައިވާ އުފެއްދުމެއްކަމަށް ބުނެ އެކަން ދައުލަތުގެ މީޑިއާއިން ވެސް ވަނީ މިދިޔަ ބުދަ ދުވަހު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.




