އެކި ހާދިސާތަކުގައި ޝަހީދުވި ސިފައިންނާއި ފުލުހުން އަދި އާންމުންގެ އާއިލާތަކަށް ޚާއްސަ އެލަވަންސެއް ދިނުމަށާއި ”ޝަހީދުންގެ ހިޔާ“ ގެ ނަމުގައި ހައުސިންގް ޕްރޮގްރާމެއް މިދައުރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއަދަކީ އުފާވެރިކަމާ ހިތާމަވެރިކަން ވެސް އިހުސާސްކުރެވޭ ދުވަހެއް ކަމަށާއި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އެ އުދުވާނީ ހަމަލާގައި 8 ސިފައިންގެ ބޭކަލަކު ޝަހީދުވެ، 11 އާންމު ޔައްޔިތުން ހިމެނޭހެން ޖުމްލަ 19 ދިވެހިން އެދުވަހު ޝަހީދުވި ކަމަށެވެ.
”ހަމައެއާއެކީގައި 1979 ން ފެށިގެން، ޝަހީދުވީ މީހުންގެ އަދަދުވެސް އަޅުގަނޑު މިއަދު ސިފައިންގެއިން ހޯދާލާފައިވާނެ. މިގޮތުން ބަލާއިރު 29 ސިފައިން އެކި ހާދިސާތަކުގައި އަދި ފުލުހުންގެ ދެ މީހުންނާއި މި ދެންނެވި 11 އާންމުންގެ ނަންތައް އެބަހުރި ޝަހީދުންގެ އެ ލިސްޓުގައި. އެހެންނަމަވެސް އެއްވެސް ކަމެއް އެބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮށްދެވިފައެއް ނެތް. އަމުދުން ފަހަކަށް އައިސް މިފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްދެވިފައެއް ނެތް. މިއީ ވަރަށް ހިތާމަހުރި ކަމެއް“ ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޝަހީދުވީ މީހުންގެ އާއިލާތަކަށް ކުރީގައި ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދީފައިވާ ކަމަށާއި އެހެންނަމަވެސް ފަހަކަށް އައިސް އެކަން ހުއްޓިފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ޤަބޫލުކުރާ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ ކުރިއަށް އޮތްތަނުގައި، މިއަންނަ އަހަރުން ފެށިގެން، ޝަހީދުވީ ފަރާތްތަކުގެ އާއިލާތަކަށާއި އަދި ހަމައެއާއެކީގައި 3 ނޮވެމްބަރުގައި ’މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ‘ ލިބުނު ފަސް ފަރާތަށާއި ’މެޑަލް ފޯ ބްރޭވަރީ‘ ލިބުނު 10 ފަރާތް ހިމެނޭހެން މިހުރިހާ ފަރާތްތަކަށް ކަނޑައެޅޭ ގެޒެޓު ކުރެވޭ އުސޫލެއްގެ މަތިން ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްސަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީދުވީ މީހުންގެ އާއިލާތަކަށް ޚާއްސަކޮށް ހައުސިންގް ޕްރޮގްރާމެއް ”ޝަހީދުންގެ ހިޔާ“ ގެ ނަމުގައި ފަށަން ނިންމާފައިވާނެ ކަމަށާއި އެއީ 50 ހައުސިންގް ޔުނިޓު ހިމެނޭ ހައުސިންގް އިމާރާތެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. މި ހައުސިންގް ޔުނިޓުތައް އެމަނިކުފާނުގެ މިދައުރުގެ ތެރޭގައި އަޅައި ނިންމާ ޝަހީދުވި ފަރާތްތަކުގެ އާއިލާއާ ހަވާލު ކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




