ދައުލަތުގެ ފަރާތުން ދެއްވާ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލުއަށް މިރޭ އަރުވައިފިއެވެ.
ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އިއްޒަތް އެމަނިކުފާނަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލުއަށް އަރުވަން ނިންމެވީ ޤައުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވާފައި ހުރި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ޚާއްސަކޮށް 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ނިރުބަވެރިން ދިން އެ ބިރުވެރި ހަމަލާގައި އެމަނިކުފާނު ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރެއްވި މަސައްކަތްތަކާ ގުޅިގެން ނެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް މިރޭގެ ރަސްމިއްޔާތުގައި ދައްކާލާފައިވެއެވެ. އެގޮތުން އެމަނިކުފާނު 3 ނޮވެމްބަރުގައި ދެއްކެވި ހިތްވަރާއި ސިފައިންގޭގައި އުޅުއްވިއިރު ކޮށްދެއްވި ޚިދުމަތްތަކުގެ އިތުރުން ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ވެސް ކޮށްދެއްވިކަން ފާހަގަ ކޮށްފައިވެއެވެ.




