އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ބަދަލުކޮށް، އަންނަ ދިރާސީ އަހަރުގެ ވަގުތީ ކަލަންޑަރު އާންމުކޮށްފިއެވެ.
ބޮޑު ޗުއްޓީ ޖޫން-ޖުލައި މަހަށް ބަދަލުކުރީ ކުރީ ސަރުކާރުގައި 2021 ވަނަ އަހަރުގައެވެ. ނަމަވެސް އެދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވާރީ ދަތުރުފަތުރު ކުރުމަށް ދަތިތަކެއްވާ ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަހަރު ކެމްޕެއިނު ކުރެއްވި ދުވަސްކޮޅުގައި އެމަނިކުފާނު އަރިހުން ގިނަ ބަޔަނު އެންމެ އެދުނު އެއްކަމަކީ، ކުރިން އޮތް ގޮތަށް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކޮށްދެއްވުމަށެވެ. އެމަނިކުފާނު ވަނީ އެކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މިހާރު ނެރެފައިވާ ދިރާސީ އާ އަހަރުގެ ވަގުތީ ކަލަންޑަރުން ދައްކާ ގޮތުގައި އަންނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް މަހުގެ 6 ގައެވެ. ނަމަވެސް ޓީޗަރުން ޑިއުޓީއަށް ރިޕޯޓުކުރަން ޖެހެނީ އޭޕްރިލް 3 ގައެވެ.
އަންނަ އަހަރު ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ ލައި 28 އިން އޮގަސްޓު 7 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ. ނަމަވެސް ދެވަނަ ޓާމުގެ މެދު ތެރެއިން ސެޕްޓެމްބަރު 21 އިން 25 ޗުއްޓީއެއް ލިބޭނެއެވެ.
މީގެ އިތުރުން ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ރިޕޯޓް ކާޑު ދޫކޮށް، ރަސްމީކޮށް ޗުއްޓީ ފެށޭނީ ޑިސެމްބަރު 28 ވަނަ ދުވަހުކަމަށް ކަލަންޑަރުގައިވެއެވެ. އަދި ޖެނުއަރީ 22އާ ހަމައަށް ޗުއްޓީ ދިނުމަށްފަހު 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ.




