ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ 47 ވަނަ ބައްދަލުވުން ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ ގެ އޮފީހުގައި މިއަދު ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަން، މި ހިނގާ ނޮވެމްބަރ މިއަދުން ފެށިގެން 15 ގެ ނިޔަލަށް ހިނގަމުންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ސެޝަންގައި 14 ޤައުމެއްގައި އިންސާނީ ޙައްޤުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ އަލްބޭނިއާ، ބޫޓާން، ބްރުނާއި ދާރުއްސަލާމް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ، ކޮސްޓަ ރީކާ، ކޮޓް ޑިވުއާ، ޑޮމިނިކާ، އިކުއިޓޯރިއަލް ގިނީ، އިތިއޯޕިއާ، ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ، ނިކަރާގުއާ، ނޯރވޭ، ޕޯޗުގަލް އަދި ޤަތަރެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުގެ 3 ބައްދަލުވުމެއް އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގައި ކޮންމެ އަހަރަކު ބާއްވައެވެ.
އެގޮތުން، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާރު ކުރިއަށްދާ 4 ވަނަ ޔޫ.ޕީ.އާރު. ސައިކަލް 2027 ވަނަ އަހަރާ ހަމައަށް ކުރިއަށްދާނެއެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ވަޒަންކޮށް ދެނެގަތުމަށް އެ ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ ނިޒާމެކެވެ. އަދި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި މެމްބަރު ޤައުމުތަކުން ހޯދާފައިވާ ކުރިއެރުން އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު، ޔޫ.ޕީ.އާރު. މެދުވެރިކޮށް އެ ޤައުމުތަކަށް ލިބެއެވެ.



