ޣައްޒާގެ އުތުރު އައްސޭރީގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލަށް ޔަހޫދީ އިޒްރޭލު ސިފައިން އަނެއްކާވެސް ބޮމުގެ ހަމަލާތަކެއްދީ ތުއްތު ކުދިންތަކެއް ވެސް ޒަހަމް ކޮށްލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުން ޣައްޒާގެ އެ ހޮސްޕިޓަލަށް އިއްޔެ ދިން މި ހަމަލާގައި އެތަނުގެ ނާސަރީގައި ބާއްވާފައި ތިބި ތުއްތު ކުދިންތަކަކާއި އެތަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިންނެއް ވެސް ވަނީ ޒަހަމް ކޮށްލާފައެވެ.
އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ މިހަމަލާތަކުގެ ބަހަނާއެއްގެ ގޮތުގައި އަބަދުވެސް ބުނަމުން އަންނަނީ، އެ ހޮސްޕިޓަލަކީ ހަމާސް ޖަމާޢަތުން އެމީހުންގެ އިންޓެލިޖެންސް ހެޑްކުއާޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށާއި އެތަނުގައި ހަމާސް ޖަމާއަތުގެ މީހުންވެސް ފިލާ ތިބި ކަމަށެވެ. ނަމަވެސް އިޒްރޭލުން ބުނަމުން މިގެންދާ އެއްވެސް ވާހަކައެއް އަދިމިހާތަނަށް އެމީހުންނަށް ސާބިތު ކޮށްދެވިފައެއް ނުވަތަ އެތަނުގައި ހަމާސް ޖަމާއަތުން ތިބި ކަމުގެ އެއްވެސް ހެއްކެއް ވެސް ދެއްކިފައެއް ނުވެއެވެ.
އިންސާނިއްޔަތުކަމާ ދެކޮޅަށް ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ މިހަމަލާތަކުގެ ތެރެއިން އިއްޔެ ޣައްޒާގެ ގެއަކަށް ރެއިޑުޖަހާ އެގެއިން އާންމުންގެ މީހަކު މަރާވެސްލާފައި ވެއެވެ.
ތައްމުން އަވަށުގައި ހުރި ގެއަކަށް ހަތިޔާރާއެކު ވަނުމުގެ ކުރިން އިޒްރޭލުގެ އަސްކަރިއްޔާއިން ބަޔަކު ވަނީ އެގެ ވަށާލާ، އެގެއަށް ކަރުނަ ގޭސް ވެސް ޖަހާފައެވެ. އިޒްރޭލު ސިފައިން ބަޑި ޖަހާ މަރާލާފައިވަނީ ހާނީ ބަނީ އަވްދާ ބިން އާސިފް ނަމަކަށް ކިޔާ އާންމު ރައްޔިތަކަކަށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.



