ގެދޮރުވެރިކަމަށް ލުއިފަސޭހަ ކޮށްދެއްވުމަށް ހިޔާވަހި ފައިނޭންސް ލޯނު ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 5 ޕަސެންޓު އިންޓަރެސްޓާއެކު ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ހިވާވަހި ފައިނޭންސިންގް ޕްރޮގްރާމެކެވެ.
ހިޔާވަވި ފައިނޭންސިންގް ޕްރޮގްރާމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާ ޕްރޮގްރާމެކެވެ. މިއީ 25 އަހަރުން އަނބުރާ ދައްކާގޮތަށް، ތިން ދަރަޖައަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މިގޮތުން މިސްކީމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް 1 މިލިއަން، އަރބަން ސެންޓަރުތަކަށް 3 މިލިއަން އަދި ފުރަމާލެއަށް 6 މިލިއަންއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދު ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައިނުވާ އެންމެންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ރައީސް މުޢިއްޒުގެ އެއް ވަޢުދު ކަމަށާއި މިއަދު މި އިފްތިތާހު ކުރެވެނީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީގޮތުން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރޯއްޓެއް ކަމަށެވެ.
ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުންނަށް އެންމެ މުހިންމު ވެފައިވާ ކަންކަމަށް އިސްކަންދީގެން ކަމަށެވެ.
”ދިވެހި ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންވުމުން އަޅުގަނޑު އިންތިހާބު ތެރޭގައި ވެސް ވައުދުވީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެންމެ އިސް ސިޔާސަތަކަށް ހަދާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމުގައި، އެކަން މިދަނީ ކުރިޔަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިއަދު މަސައްކަތް ފެށިގެން މިދަނީ އެމަނިކުފާނު ވައުދުވީ ގޮތަށް ކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ކަމަށެވެ.
”މިއަދު މަސައްކަތް ފެށިގެން މިދަނީ ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި (އެއަށްވުރެ ބޮޑު ނުވާނޭ އިންޓްރެސްޓުގައި ހިމެނޭ) ލޯނު ސްކީމް ދޫކުރާނޭ ކަމަށް އަޅުގަނޑުވީ ވައުދު ފުއްދުން. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެމީހެއްގެ އަމިއްލަ ގޯތި، ނުވަތަ އަމިއްލަ އިމާރާތުގައި އުޅެވޭވަރުގެ ބޯހިޔާވަހި ތަނަކަށް އެތަން ހެދުމަށްޓަކައި މި ލޯނުގެ ބޭނުން ހިފޭނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިލޯނު ސްކީމް މި ތަޢާރަފްކުރަނީ ރައްޔިތުންނަށް އަމިއްލަ ގެދޮރުވެރިކަން ގާއިމު ކުރުމަށްޓަކައި ކަމަށެވެ. އަދި މިއީ މިއަދު ފަށާފައި މިއަންނަ އަހަރު ހުއްޓާލާ ސްކީމެއް ނޫން ކަމަށާއި މިއީ ދައިމީކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަވާނެ މަޝްރޫޢުއެއް ކަމަށެވެ.


