އެމެރިކާގެ ރިޔާސީ އިންތިހާބަށް ވޯޓުލުން އިއްޔެ ފެށިފައިވާއިރު މިވަގުތު ކުރީގައި އުޅެނީ އެޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަން ނަތީޖާތަކުން ދައްކަން ފަށައިފިއެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ޓްރަމްޕްއާ ވާދަ ކުރަނީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ. އޭނާ ވާދަކުރަނީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ.
މި އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ 270 އިލެކްޓޮރަލް ވޯޓެވެ. އެގޮތުން މިވަގުތު ނަތީޖާ ދައްކާ ގޮތުގައި ކަމަލާއަށް ލިބިފައިވަނީ 112 އިލެކްޓޮރަލް އަދި 42،105،705 ވޯޓެވެ. އެއީ 46.3 އިންސައްތަ އެވެ. ޑޮނަލްޑް ޓްރަމްޕަށް ލިބިފައިވަނީ 210 އިލެކްޓޮރަލް އަދި 48،305،520 ވޯޓެވެ. އެއީ 52.5 އިންސައްތަ އެވެ.
މިނަތީޖާއާއެކު އެމެރިކާގެ މިފަހަރުގެ ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރާނެކަމާމެދު އޮތް ޔަގީންކަން ބޮޑުވެއެވެ. ނަމަވެސް ވޯޓުލުމުގެ ސުންގަޑި އަދި ހަމަނުވާތީ، ނަތީޖާ ބަދަލުވެދާނެ ކަމަށް ވެސް ޤަބޫލު ކުރެވެއެވެ.
ކަމަލާއާއި ޓްރަމްޕް ވެސް އެމީހުންގެ ރިޔާސީ ކެމްޕެއިނު ނިންމާލީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.. ކަމަލާ އޭނާގެ 107 ދުވަހުގެ ކެމްޕެއިނު ނިންމާލީ ޕެންސިލްވޭނިއާ ގައެވެ. އަދި ޓްރަމްޕް އޭނާގެ ކެމްޕެއިނު ނިންމާލީ މިޗިގަން ގައެވެ. އެއީ ޓްރަމްޕް އޭނާގެ ރިޔާސީ ތިން ކެމްޕެއިނުވެސް ނިންމާލި ސްޓޭޓެވެ.




