މިއަދު އިފްތިތާހުކުރި، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި މިއީ ޤައުމީ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވަނީ ސިޔާސީ ހުރިހާ ޕާޓީތައްވެސް، ސިޔާސީ ވިސްނުން އެއްކިބާކޮށް، މި ޕްލޭނުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.
”ކޮންމެ ރަށެއް މީގައި ބައިވެރިވާން ޖެހޭނެ. ހުރިހާ ސްޓޭކްހޯލްޑަރުންވެސް، ހުރިހާ ދާއިރާތަކުން ވެސް ސިޔާސީ ޕާޓީތައް ވެސް މީގައި ބައިވެރިވާން އަޅުގަނޑު ބޭނުން. އަޅުގަނޑު އެދެން ހުރިހާ ސިޔާސީ ޕާޓީތައް ވެސް ސިޔާސީ ވިސްނުން ދޫކޮށްލައްވާ މިކަމުގައި ބައިވެރިވުމަށް. މިއީ ޤައުމީ މަސައްކަތެއް. ޤައުމީ ތަރައްޤީގެ ވާހަކަ މިދައްކަނީ. ވިހި އަހަރު ދުވަހަކީ ޖީލެއް. އެހެންވީމަ ޖީލެއްގެ ތަޞައްވުރު އަޅުގަނޑުމެން މިއުޅެނީ ކަނޑައަޅަން. މިއީ ސިޔާސީ ކަމެއް ނޫން. އެހެންވީމަ ހުރިހާ ސިޔާސީ ޕާޓީތައް ވެސް މަދަނީ ޖަމިއްޔާތައް ވެސް އަދި އެކިއެކި ފަރާތްތަކުން ވެސް ބައިވެރިވެގެން ހިންގަވާށޭ މިކަން ކުރަމާ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ޤައުމީ ތަރައްޤީގެ ޕްލޭނު ކުރުމަށް ޔޫއެންޑީޕީ އިން ވަރަށް ބޮޑަށް އެހީތެރިކަން ދެއްވާ ކަމަށާއި އޮސްޓްރޭލިއާ ސަރުކާރުން ވެސް މިކަމުގައި އެހީތެރިކަން ދެއްވާކަމަށެވެ. އަދި މިމަސައްކަތުގައި ބޭރުގެ އެކިއެކި ތަޖުރިބާކާރުން ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް މިމަސައްކަތް ލީޑުކުރާނީ ދިވެހިންކަން އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.



