އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.
އިއްޔެ ފެށުނު އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ނަތީޖާ ދައްކާގޮތުގައި ޓްރަމްޕް ވަނީ ބޮޑުތަނުން މި އިންތިހާބު ކާމިޔާބުކޮށް އޭނާއާ ވާދަކުރި އެމެރިކާގެ މިހާރުގެ ނައިބުރައީސް ކަމަލާ ހެރިސް ބަލިކޮށްފައެވެ.
އެގޮތުން މި އިންތިހާބު ކާމިޔާބު ކުރަން 270 އިލެކްޓޮރަލް ވޯޓު ބޭނުންވާއިރު މިހާރުވެސް ޓްރަމްޕަށް 269 އިލެކްޓޮރަލް ވޯޓު ލިބިފައިވެއެވެ. އަދި ކަމަލާއަށް ލިބިފައިވަނީ 224 އިލެކްޓޮރަލް ވޯޓެވެ.
މި ލިބުނު ކާމިޔާބާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާ މެސެޖުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި އެމެރިކާއަކީ ޒަމާނުއްސުރެ އިހުތިރާމާއި، ހެޔޮއެދުމުގެ މަތިން ވަރުގަދަ ގުޅުމެއް އުފެދިފައިވާ ދެ ޤައުމު ކަމަށެވެ. އަދި ދެ ޤައުމު އެކީގައި ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށާއި ހެވާއި ލާބައަށް މަސައްކަތްކޮށް، ކުރިއަށް އޮތްތަނުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށްޓަކައި ރައީސް މުޢިއްޒުގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ޓްރަމްޕަށް މަރުހަބާ ކިޔައި ތަހުނިޔާ ކިޔާފައެވެ.
ޓްރަމްޕަށް ލިބުނު ކާމިޔާބާ ގުޅިގެން އޭނާ ވަނީ ފްލޮރިޑާގައި ވާހަކަދައްކާ، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.



