ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅަށް އެމަނިކުފާނު އިހާނެތިކޮށް ހިތިކަމަށް ބުނެ ފެތުރެމުންދިޔަ ތުހުމަތުތަކަށް އެމަނިކުފާނު ފުރަތަމަ ފަހަރަށް ޖަވާބުދެއްވައިފިއެވެ.
މިތުހުމަތުތައް ފެށިފައިވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެމަނިކުފާނުގެ ދޮންމަންމާފުޅު ސްކީލާން ދައްކަވާފައިވާ ވާހަކަތަކަކުންނެވެ. އެގޮތުން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއެއްގައި ސްކީލާން ވަނީ ރައީސް މުޢިއްޒު އޭނާއަށް އިހާނެތިކޮށް ޢަމަލުކުރި ކަމަށާއި ރައީސްގެ ބައްޕާފުޅު ޝައިހް އަބްދުއްރަހްމާން އަވަހާރަވުމުން ދޮންމަންމާފުޅަށް ތަރިކަމުދާ ވެސް ނުދީ ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ޑީޕޯޓު ކޮށްލި ކަމަށެވެ.
ނަމަވެސް މިތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް މިއަދު ރައީސް މުޢިއްޒު ވިދާޅުވެ، ފުރަތަމަ ފަހަރަށް މިކަމާ ގުޅޭގޮތުން ފާޅުގައި ވާހަކަ ދައްކަވައިފިއެވެ.
ކުރިއަށް އޮތް 20 އަހަރަށް ޤައުމީ ތަރައްޤީގެ ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު، ބޭރަށް ނިކުމެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނަކީ މީހުންގެ ވާހަކަ ދައްކަވާ ބޭފުޅަކަށް ނުވާތީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ހަގީގަތުގައި އުނދަގޫ ކަމަށާއި ނަމަވެސް މިހާރު ކަންތައް ގޮސްފައި އޮތް ހިސާބުން އެކަމަށް މިއަދު ޖަވާބު ދެއްވާނެ ކަމަށެވެ.
”އަޅުގަނޑު ކެމްޕެއިނު ތެރޭގައިވެސް ތިއަށް ޖަވާބު ދިނިން ތިއީ ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށް. ހަގީގަތުގައި އަަޅުގަނޑަކީ އެއްގޮތަކަށް ވެސް މީހުންގެ ވާހަކަ ދައްކާ ހިތްވާ، ޒާތީ ވާހަކަ ދައްކާ ހިތްވާ މީހެއް ނޫން. މީހަކާ ބެހޭގޮތުން ވާހަކައެއް ދައްކަންޏާ އެމީހެއްގެ ރަނގަޅު ވާހަކަ ނޫނީ އަޅުގަނޑު ދުވަހަކުވެސް ނުދައްކަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދޮންމަންމާފުޅުގެ ވާހަކަ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ ބައްޕާފުޅު ނިޔާވެގެން ދިޔުމުން ތަރިކަ ބެހުމުގެ ކަންތައް ކުރިއަށްގެންދިޔައީ އޮންނަ އުސޫލުން ކޯޓަށް ގޮސްގެން ކަމަށެވެ.
”ބައްޕަގެ ބިންތައް ހުރި ރާއްޖެއިން ބޭރުގައި ވެސް. އެއީ ކޮލޮމްބޯގައި ދެ ބިން، ކެންޑީގައި އެއް ބިން. އެ ތިން ބިމުގައި ވެސް ހުންނާނީ އިމާރާތް ހަދާފައި. އެތަނުން ދެ ތަނުގައި ގެސްޓްހައުސް ހަދާފައި، އާމްދަނީ ހޯދަން ވިޔަފާރި ކުރާ ގޮތަށް ހުންނާނީ. ދެން އިން ތަނަކީ ދިރިއުޅެން ހަދާފައިހުރި ތަނެއް. އެހެންވީމަ އަޅުގަނޑު ނިންމީ އެ ތިން ބިން (އިމާރާތާއި ވިޔަފާރިއާ އެއްކޮށް) ދޮންމަންމައަށް ހިލޭ ދޭން. އަދި ބައްޕަގެ ލަންކާގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއަކާވެސް އެކީ ދޭން ނިންމީ“ ރައީސް މުޢިއްޒު ވަރަށް ތަފްސީލުކޮށް ކިޔައިދެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅުގެ މާލޭގައި އޮންނަ މުދަލާއި ގޯތި، (ދޮންމަންމާފުޅަކީ ހުވަފަތް އަނތްބަކަށްވުމުން) ދީނީ ގޮތުން އޮންނަ ބައިކުޅަ ބައި، އެއްކޮށް އެމަނިކުފާނަށް ދޫކޮށްލަން އެއިރު ދޮންމަންމަ ބުނި ކަމަށެވެ. އެހެންކަމުން ނިންމި ނިންމުމަކީ އެއީ ކަމަށާއި ބައްޕާފުޅުގެ ތަރިކަމުދާ ކޯޓަށް ގޮސް ބެހީ އެގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ދޮންމަންމާފުޅު ސްކީލާނަކީ ޝްރީލަންކާގެ ބޭކަނބަލެކެވެ.



