އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ ވަރިކުރުމާއި ޢިއްދައާއި ބެހޭ ޙުކުމްތަކުގެ މައްޗަށެވެ.
ވަރިއަކީ، ވަކިވުމާއި އަލްވަދާޢު އޭގައި ހިމެނޭ ބަހެކެވެ. އިސްލާމީ ޝަރީޢަތުގައި ވަރިއަކީ، އެކަމުގައި ފިޤުހީ އެތައް ޙުކުމެއް ހިމެނޭ ކަމެކެވެ. ކައިވެންޏާއި ވަރިއަކީ، އެކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫނެވެ.
ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެކަންކަމުގެ ޙުކުމް ހިނގާނެއެވެ. އެއީ ކައިވެނިކުރުމާއި، ވަރިކުރުމާއި ކައިވެނި ރުޖޫޢަކުރުމެވެ.“
ޝަރުޢީ ސަބަބަކާލައިގެން މެނުވީ، އަނބީން އެކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ.
ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ޙައްޤަކާ ނުލައި ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެން ވެއެވެ.“
ކައިވެންޏަކީ މަތިވެރި ގުޅުމެކެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.“
ވަރީގެ މައިގަނޑު ދެ ބާވަތެއްވެއެވެ. އެއީ ރަޖުޢީ ވަރިއާއި ބާއިނު ވަރިއެވެ.
ރަޖުޢީ ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ކުރާ ވަރީގެ ޢިއްދައިގެ ތެރޭގައި ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫޢަކުރި ކަމަށް ބުނުމުން އަނބިމީހާ ރުޖޫޢަކުރެވޭ ވަރިއެވެ.
ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރުގެ ވަރީގެ ޢިއްދަ ހަމަވުމާއި ތިންފަށް ވަރިއާއި ޚުލްޢު ވަރިއެވެ. ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފިނަމަ ކައިވެނި ރުޖޫޢައެއް ނުކުރެވޭނެއެވެ.
ޙުކުމުގެ ގޮތުން ވަރި ބެހެނީ ދެބައަކަށެވެ. އެއީ ސުންނީ ވަރިއާއި ބިދުޢީ ވަރިއެވެ.
ސުންނީވަރިއަކީ އަނބިމީހާ ބަލިވެއިންދާ ނުވަތަ ޖިމާޢުވެފައިނުވާ ޠުހުރެއްގައި ޞަރީޙަ އިބާރާތުން ވަރިކޮށްފީމޭ ބުނެ ވަރިކުރުމެވެ.
އަނބިމީހާ ޙައިޟުގެތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ހާލުގައި ވަރިކުރުމާއި އެއްފަހަރާ ތިންފަށް ވަރިއަކުން ވަރިކުރުމަކީ ބިދުޢީ ވަރިއެވެ. އެއީ ސުންނަތާ ޚިލާފު ވަރިއެކެވެ.
ވަރި ހުއްދަވާ ސަބަބުތަކުގެ ތެރޭގައި އަނބިމީހާގެ އަޚްލާޤު ނުބައިވުމާއި، ޒަވާޖީ ހަޔާތުގެ އިންތަކުން ބޭރުވުމާއި، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ނުވުން ހިމެނެއެވެ. މާތް ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރިންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭކަން ކަށަވަރުވެއްޖެނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުމެވެ.
ހަމައެފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ އޭނާގެ ޙައްޤުތައް އަދާނުކުރާނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެއެވެ. އެފަދަ ހާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރާ ދޭން ޖެހޭނެއެވެ.



