ކާބޯތަކެތި އިންތިހާއަށް މަދުވުމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ ބަނޑުހައި ހޫނުކަމުގެ ތެރެއަށް ވެއްޓި، ރައްޔިތުން ނިކަމެތިވެދާނެކަމުގެ ބިރު އިތުރު ވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑައިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޮމް ގެބްރެޔެސަސް ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް މިއީ އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަން ފާހަގަ ކޮށްފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ކާބޯތަކެތި ހޯދުން ވަނީ އެއްކޮށްހެން ހުއްޓިފައެވެ. މީގެއިތުރުން އެޤައުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުން ފޮނުވާ ކާބޯތަކެތީގެ ޓްރަކްތަކަށް ވެސް އިޒްރޭލުގެ ނުބައި ޔަހޫދީންގެ ސަބަބުން ޣައްޒާއަށް އެތެރެނުވެވި، ކާބޯތަކެތި ފޯރުކޮށްދިނުން މިވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެގޮތުން ޣައްޒާއަށް އެތެރެވެވިފައިވަނީ ވަރަށް ޓްރަކްތަކަކަށެވެ. އެހެންކަމުން އެތަނުގައި ތާށިވެފައިވާ ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް ކާބޯތަކެތި ވަނީ ނުލިބިފައެވެ.
ޓެޑްރޯސް މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުތުރު ޣައްޒާ ވަރަށް އަވަހަށް ބަނޑުހައި ހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އިންތިހާއަށް އުފެދިފައިވާ ކަމަށާއި މިއީ ނިހާޔަތަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ވީހާވެސް އަވަހަށް އެހީތެރިވުމަށާއި ކާބޯތަކެއްޗާއި ބޭސް ޣައްޒާގެ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ޓެޑްރޯސް ގޮވާލާފައިވެއެވެ.



