އައްޑޫސިޓީގައި އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނަކު ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.
އައްޑޫސިޓީ މަރަދޫފޭދޫއަށް ނިސްބަތްވާ އެމީހާ ގައުކެނޑި ކޯޒްވޭ ބްރިޖުގައި ދަންޖެހިފައި ހުއްޓާ ފެނިފައިވާ ކަމަށް މައުލޫމާތު ލިބި، ކުރިން މިހާދިސާގެ މައުލޫމާތު ފެތުރިފައިވަނީ އޭނާ އަމިއްލައަށް ދަންޖެހުނީ ކަމަށް ދެހަވާފަދަ ގޮތަކަށެވެ.
އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމަށާއި ފުލުހުން މި މައްސަލަ ބަލަމުންދާކަން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ”ސައުވީސް“ އަށް ޔަގީންކޮށްދެއްވާފައެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ އެޒުވާނާއަށް ހަނގާ ކުރުމުގެ ސަބަބުން ދިމާވި ހާދިސާއެކެވެ. ނަމަވެސް އެކަން އަދި އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.
މީގެއިތުތުން މި ޒުވާނާ ދަންޖެހިފައި ހުއްޓާކަމަށްބުނެ ފޮޓޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ. އޭގައި ފެންނަނީ ޒުވާން ފިރިހެނެއްގެ ކަރުގައި ވައުގަނޑެއް އައްސާފައި ބްރިޖުގެ ތިރީގައި ދެކަކޫ ޖައްސާފައި ބަހައްޓާފައި ހުރި މަންޒަރެވެ. އަދި އެ ވައުގަނޑުގެ އަނެއްކޮޅު ބްރިޖުގެ ދަގަނޑުގަނޑުގައި އައްސާފައި ވެއެވެ.
އާންމުކޮށް މިފަދަ ކަންކަން ”އެކްސް“ މެދުވެރިކޮށް ހިއްސާކުރާ އެއްފަރާތް ކަމުގައި ”ހަސަން ކުރުސީ“ ގެ އައިޑީ ގެންގުޅޭ ފަރާތުން ވަނީ އެފޮޓޯއާއެކު އެ ޒުވާނާގެ ވަނަވަރު ވެސް ހާމަކޮށްފައެވެ. އެއީ މަރަދޫފޭދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަހުމަދު އާޔަން ފިކުރީ ކަމަށާއި އޭނާ މަރާލާފައިވަނީ ފޭދޫއަށް ނިސްބަތްވާ ”ލޯނާ“ ގޭންގަކުން ކަމުގައި ވެސް ކުރުސީ ބުނެފައިވެއެވެ. އަދި އާޔަން އަކީ 2020 ވަނަ އަހަރު މަރަދޫ ފޭދޫގައި ހިނގި ގޭންގު މާރާމާރީއެއްގައި ސިއްރު ހެކިބަސްދިން ފަރާތެއް ކަމަށް ވެސް ކުރުސީ ބުނެފައިވެއެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ ކުރުސީ ދައްކާފައި އެވާ ވާހަކައިގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށެވެ.




