މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ސަޕްލައި ދޯނި ”ފްރެންޑް 4“ ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހާ ނިޔާވި ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެ ހާދިސާގައި ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް، ގދ. ތިނަދުއަށް ނިސްބަތްވާ އިބްރާހީމް އަޙްމަދު (39 އަހަރު) އެވެ.
އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.
”ފްރެންޑް 4“ ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ހިންގި ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި، އެ ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އެވެ.
ގެއްލުނު މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފުން ވަނީ މުޅި ހުވަދޫ ކަނޑު ހިމެނޭހެން ވަރަށް ފުޅާ ދާއިރާއެއްގައި ވަރުގަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގާފައެވެ.
ނަމަވެސް އެ މީހުން ފެނިފައިނުވާތީ، އެ އޮޕަރޭޝަން ހުއްޓާލާފައިވާކަން ސިފައިން ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 23 ގައި ހާމަކޮށްފައެވެ.



