ޔޫއޭއީގެ ރަސް އަލް ޚައިމާގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 މީހުން މަރުވެ، އިތުރު 14 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 41 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބަހެއް، މެކޭނިކަލް މައްސަލައެއް ދިމާވެގެން މަގުގެ އަރިމަތީގައި މަޑުކޮށްފައި އޮތް ޓްރަކެއްގައި ޖެހިގެންނެވެ.
ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓް ހިނގި ވަގުތު 11 މީހަކު ވަނީ މަރުވެފައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުން މިހާރު ވަނީ ކައިރީގައިވާ އެކި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.
ހާދިސާ ހިނގި އަލް ވަތަން މަގުގައި އެމްބިއުލާންސް ޚިދުމަތްތަކުންނާއި މަދަނީ ދިފާއީ ޓީމުތަކުން ގުޅިގެން ކުއްލި ހާލަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް ރަސް އަލް ޚައިމާގެ ދާޚިލީ ވުޒާރާއިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި އޮޕަރޭޝަނުގައި އަލް މުނައި ފުލުސް އޮފީހާއި، ރަސް އަލް ޚައިމާ ފުލުހުންގެ ކުއްލި ހަރަކާތްތެރިންގެ އިތުރުން ހައްތާ ފުލުހުންނާއި ދުބާއީ އެމްބިއުލާންސް އަދި ދުބާއީއާއި ކަދުރާގެ ސިވިލް ޑިފެންސް ޓީމުތައް ބައިވެރިވިއެވެ.
ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯ ބަލަހައްޓައި އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ކޮށްފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މައްސަލަ މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.



