ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4000 ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް އަންނަ ހަފްތާގައި އާންމުކޮށް ޝަކުވާއަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮގް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ދައްކާ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭގައި ބައިވެރިވެ މިނިސްޓަރު ހައިދަރު ވިދާޅުވީ 4000 ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށެވެ. އަދި އެއަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތުވެސް ހުޅުވާލާފައި އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،“ މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓްރީން މިދިޔަ މަހު 28ގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ”ހައުސިންގް އެޑްވައިޒަރީ ކޮމިޓީ“ އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި ”ހައުސިންގް ކޮންސަލްޓެޓިވް ކޮމިޓީ“ އަށް ވެސް ގެދޮރުވެރިޔާ ސްކީމްގެ ފްލެޓު ލިބުނު މީހުންގެ ލިސްޓު ރަނގަޅުކަމަށް ނުފެންނާތީ، ހުށަހަޅާފައިވާ ހުރިހާ ފޯމެއް ރީ-އިވޭލުއޭޓު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
މި މަސައްކަތްތައް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ މިއަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ހައުސިންގް މިނިސްޓްރީން ބުންޏެވެ.




