ސައުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިއަދު އޮންނަ އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ފުރާވަޑައިގެންފިއެވެ.
މި ސަމިޓަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ހާއްސަކޮށްގެން ބާއްވާ ސަމިޓެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ސަރުކާރުގެ މަތީ ފަންތީގު ވަފުދަކާއެކު ރައީސް ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަމިޓަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއަށް އެ މަނިކުފާނު އެ ވަޑައިގަންނަވަނީ ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ބަސް އިއްވަން ކަމަށް ރައީސް ވިދާޅުވިއެވެ.
“ ސައުދި އަރަބިއްޔާ އަކީ އިސްލާމީ ދުނިޔޭގެ ލީޑަރު. އިސްލާމީ ދުނިޔޭގައި އެންމެ އިސް ނަގައިގެން މަސައްކަތްކުރާ އަޅުގަނޑުމެންގެ ފަހުރުވެރިވާ ޤައުމު. އަޅުގަނޑު ސައުދީއަށް މިދަނީ ރާއްޖޭގެ ފަރާތުން ބަސް އިއްވަން. ފަލަސްތީނުގެ މައްސަލައިގައި އަޅުގަނޑުމެން އިރާދަކުރެއްވިޔާ ރައްޔިތުންގެ ފަރާތުން އެންމެ ބާރަށް މަސައްކަތް ކުރާނަން. “ ރައީސް ވިދާޅުވިއެވެ.
ރިޔާދުގައި މިއަދު އޮންނަ މި ސަމިޓުގައި ރައީސް ޑރ. މުއިއްޒު ދިވެހިރާއްޖޭގެ ފަރާތުން ބަޔާނެއް އިއްވަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.


