ލުބްނާނަށް ދޭން ފެށި ހަމަލާތައް ހުއްޓާލައި، އަމާންދީ، ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އާއެކު ސުލްހަވެރި އެއްބަސްވުމަކަށް ދާން ޔަހޫދީ އިޒްރޭލުން ދެކޮޅު ހަދައިފިއެވެ.
ޣައްޒާގެ އިތުރުން އިޒްރޭލުން އަންނަނީ ލުބްނާނުގެ ބެއިރޫތަށް ވެސް ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު އެޤައުމުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ވެސް ފާހަގަ ކުވެއެވެ.
އެގޮތުން އިއްޔެ ވެސް އިޒްރޭލުން ދިން ހަމަލާގައި ލުބްނާނުގެ 10 ކުޑަކުއްޖަކު މަރުވެ ފަސް ކުދިންނަށް ބޮޑެތި ޒަހަމްތަކެއް ވެގެން ފަރުވާދެމުން އެބަދެއެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ބުނި ގޮތުގައި އިޒްރޭލުގެ މިހަމަލާތަކުގެ ސަބަބުން އެކުޑަ ކުދިންނަށް ވަނީ ނަފްސާނީ ގޮތުން ވެސް އަސަރުކޮށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އޭގެ ތެރޭގައި އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިޒްރޭލުގެ އައު ޑިފެންސް މިނިސްޓަރު އިސްރާއިލް ކެޓްސް ބުނީ ހިޒްބުﷲ އާއެކު ސުލްހަވެރި އެއްބަސްވުމަކަށް ނުދާނެ ކަމަށާއި އަމާންދީ ހަނގުރާމަވެސް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ލުބްނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާނީ އިޒްރޭލުން ހާސިލު ކުރަން ބޭނުންވާ މަގުސަދު ހާސިލުވުމުން ކަމަށް ވެސް ކެޓްސް ބުނެފައިވެއެވެ. އެ މަގުސަދަކީ ހިޒްބުﷲ ގެ ހުރިހާ ހަތިޔާރުތަކެއް ހުސްވަންދެން އެމީހުންނަށް ހަމަލާދީ، އެމީހުންނަށް އަމިއްލަ ނަފްސާ ޤައުމު ދިފާއު ނުކުރެވޭވަރުވުމުން، ހިޒްބުﷲ ގެ ހަނގުރާމަވެރިންގެ ހަތިޔާރު ނެތް ހަށިތައް ލިޓާނީ ކޯރަށް އެއްލާލުން ކަމުގައި ވެސް ޔަހޫދީ އިސްރާއިލް ކެޓްސް ބުނެފައިވެއެވެ.



