ފަރުކޮޅުފުށީގައި ޕްރައިވެޓް ލަގްޒަރީ ދިރިއުޅުމަށް ހާއްސަ ވިލާތަކެއް ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިފްތިތާހުކޮށްފިއެވެ.
އެޗްޑީސީ އިން މި މަޝްރޫއު އިފްތިތާހު ކުރީ އެ ކުންފުނިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫތަކެއް އިފްތިތާހު ކުރުމަށް ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
”ޓްރާންސްފޯމިން ޓުމޯރޯ“ މަޝްރޫއު ގެ ދަށުން ފަރުކޮޅު ފުށީގައި ތަރައްޤީ ކުރާ ގޭޓެޑް ކޮމިއުނިޓީ އަކީ، ލަގްޒަރީ ދިރިއުޅުން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީ ކުރާ މަޝްރޫއުއެއް ކަމަށް އެޗްޑީސީ އިން ބުންޔެވެ.

މި ގޭޓެޑް ކޮމިއުނިޓީގައި 20 ބީޗް ވިލާ، 60 ގާޑަން ވިލާ، 26 އާބަން ވިލާ އަދި 230 ސާރވިސް އެޕާޓްމެންޓް ތަރައްޤީ ކުރެވިގެން ދާނެ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދިނެވެ.
އަދި މި ސަރަހައްދުގައި ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރެންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައްވެސް ހިމެނޭނެ ކަމަށް އެޗްޑީސީއިން ބުންޔެވެ. މީގެ އިތުރުން 85 ކޮޓަރި ހިމެނޭ 5 ފަންގިފިލާގެ ހޮޓަލެއްވެސް އެ ސަރަހައްދުގައި ހުންނާނެ ކަމަށާއި، ހޮޓަލުގައި ޕޫލްއާއި އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިންގ ހިމެނޭނެ ކަމަށް އެޗްޑީސީ އިން ބުންޔެވެ.

ފަރުކޮޅުފުށީގައި ތަރައްޤީ ކުރާ މި ލަގްޒަރީ ވިލާތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ހައުސިން ގެ އިތުރުން، ލަގްޒަރީ ދިރިއުޅުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެއް ކަމަށް އެޗްޑީސީ އިން ބުންޔެވެ. އަދި މި މަޝްރޫއު ގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިސާދު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.



