ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީވެރިން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ރައީސް މުޢިއްޒު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީވެރިން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފެންނާނެ ކަމަށެވެ.
”މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ސީދާ ރައްދު ދެއްވާފައިވަނީ ކޮންކަމަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ނަމަވެސް ރާއްޖޭގެ ހެވާއިލާބައަށްޓަކައި އަދި ރައްޔިތުންގެ މެދުގައި އިންސާފުވެރިވުމަށް މި ސަރުކާރުން މިފަހުން ނިންމި ބައެއް ކަންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އޭގެތެރޭގައި އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މުސްކުޅިންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތް ލިބޭނީ ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ 65 އަހަރުންމަތީ މީހުންނަށް އެކަނި ކަމަށް ސަރުކާރުން ނިންމި ނިންމުމާއި، އަންނަ އަހަރުން ފެށިގެން އެންމެ މުއްސަނދިންގެ އަތުން އާސަންދަ ނިޒާމަށް ވަކި އަދަދެއް ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ކަނޑައެޅުން ހިމެނެއެވެ.




