ޔަހޫދީ އިޒްރޭލު ސިފައިންގެ ހަމަލާތަކެއް އަނެއްކާވެސް ލުބްނާނުގެ ސިއްހީ ހިދުމަތްތެރިތަކަކަށް އަމާޒުކޮށް، މަރާލައިފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން އިއްޔެ ފުރަތަމަ ހަމަލާ ދީފައިވަނީ އެ ޤައުމުގެ ނަބާދީހް ސަރަހައްދުގައި ހުރި ޑިފެންސް ސެންޓަރަކަށެވެ. އެހަމަލާގެ ސަބަބުން ހަ މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ ސިއްހީ ހިދުމަތްތެރިން ތަކެކެވެ.
އެއަށްފަހު ދެވަނަ ހަމަލާއެއް ވެސް އިޒްރޭލުން އިއްޔެ ވަނީ ލުބްނާނަށް ދީފައެވެ. މި ހަމަލާ ދީފައިވަނީ ލުބްނާނުގެ ބާލްބެކް ސަރަހައްދުގެ ޑިފެންސް ސެންޓަރަކަށެވެ. މި ހަމަލާގައި މަރާލި މީހުންގެ ތެރެއިން 12 މީހުންނަކީ ސިއްހީ ހިދުމަތްތެރިންތަކެކެވެ.
އިއްޔެ ލުބްނާނަށް އިޒްރޭލުން މިހަމަލާތައް ދިނުމަށްފަހު އިތުރު ހަމަލާތަކެއް އެ ޤައުމުގެ ބެއިރޫތަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ދޭނެ ކަމުގެ އިންޒާރު މިއަދު ވަނީ ދީފައިވެއެވެ. އެގޮތުން ބެއިރޫތުގެ ސަބަރބްގައި ދިރިއުޅޭ އާންމު ރައްޔިތުން ވީހާވެސް އަވަހަށް އެތަން ހުސްކުރުމަށާއި ހަމަލާތައް ދޭނީ އެކި ސަރަހައްދުތަކަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
އެގޮތުން އިޒްރޭލުން ވަނީ ހަމަލާދޭނެ ސަރަހައްދުތައް ފާހަގަ ކޮށްފައިވާ ޗާޓެއް އާންމުކޮށްފައެވެ. އޭގެ ތެރެއިން ބައެއް އިމާރާތްތަށް ރަތް ކުލައިން ހުރީ ފާހަގަ ކޮށްފައެވެ. ރަތް ކުލައިން ފާހަގަ ކޮށްފައި ހުރި އިމާރާތްތަކާ ޖެހިގެން ހުރި އިމާރާތްތަށް ވެސް ހުސްކުރަން ޖެހޭނެ ކަމަށް އިޒްރޭލުން އަންގާފައިވެއެވެ.



