ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސް ހުޅުއްވައިދެއްވީ މިރޭ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން މިރޭގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެއިތުރުން އެމަނިކުފާނު މިރޭ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އީ.އާރް، ކުޑަކުދިންނަށް ޚާއްސަ އީ.އާރް.އެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާފައެވެ. އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ ވެސް އެމަނިކުފާނު މިރޭ އިފްތިތާޙްކޮށްދެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު އެ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްސަ އީ.އާރު، ހައިބްރިޑް ކެތުލެބް އަދި ނޭޝަނަލް ފަރޓިލިޓީ ސެންޓަރ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްޤީކޮށް، މި މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޚިދުމަތްދޭން ފެށޭނެކަން އިޢުލާންކުރައްވާފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި މިރޭ އިފްތިތާޙް ކުރައްވާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެ މަނިކުފާނު މާދަމާ އިފްތިތާޙް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.



