”ގެދޮރުވެރިޔާ ސްކީމް“ ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިއަދު އާންމު ކުރާގޮތަށް ހަމަޖެހިފައި އޮއްވާ، އެ ލިސްޓު ނެރުން އަނެއްކާވެސް ފަސް ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އިން ބުނެފިއެވެ.
މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިރާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މިވަގުތުވެސް މުރާޖާކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތް ނިމުނުހާ އަވަހަކަށް މިކަމުގެ އިތުރު ތަފްސީލު އާންމު ކުރާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
އަދި މި މަސައްކަތްތަކަށް އިތުރު މުއްދަތު ދިޔަކަމުގައިވިޔަސް، ސަރުކާރުގެ މަގްސަދަކީ މި ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމަށާއި، ފްލެޓުތައް ދޫކުރެވެނީ އޭގެ ހައްގުވެރީންނަށް ކަން ޔަގީން ކުރުމަށް ކަމަށެވެ.
މިނިސްޓްރީ ގެ ބަޔާނުގައި ފްލެޓް ލިސްޓު އާންމު ކުރާނެ ވަކި ތާރީހެއް ބުނަފައެއް ނުވެއެވެ.




